މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު، މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ މަސައްކަތް ނިމި، އެ ކޮމިޝަންގެ ރިޕޯޓު ރައީސް މުޢިއްޒުއަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދުމުގެ ސަބަބުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރެއްވުމަށް ރައީސް މުޢިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގައެވެ.
އެ ކޮމިޝަނުން އެކުލަވާލާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރައީސްގެ ގަރާރުގައި ވެސް ކުރިން ބަޔާންކުރައްވާފައިވާ ކަންކަމެވެ.
”(ޔުމްނު) ވެއްޓުނު މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އިންސާފުވެރިކަމާ އެކު އަދުލުވެރިކަމާ އެކީ ތަހުގީކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުން“ ކޮމިޝަންގެ މަސްއޫލިއްތު ބަޔާންކޮށް ގަވައިދުގައި ލިޔެފައިވެއެވެ.
ރައީސް މުޢިއްޒު އުފައްދަވާފައިވާ މި ކޮމިޝަން އުވޭނެ ތާރީޚެއް ބަޔާންކޮށްފައި ނެތްނަމަވެސް، ކޮމިޝަންގެ މަސައްކަތްތައް ނިމޭނީ، ރައީސްގެ ގަރާރުން ކޮމިޝަނަށް މަތިކުރައްވާފައިވާ މަސައްކަތްތައް ނިމުމުން ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ޖުމްލަ ހަ ކަމެއް ބަޔާންކޮށްފައިވެއެވެ. އެއީ:
1- ކޮމިޝަންގެ ތަހުގީގަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
2- ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެއިން ބޭރު ހަބީރުންގެ އެހީތެރިކަން ހޯދުން
3- ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ގާނޫނު ތަންފީޒުކުރާ އިދާރާެއްގެ ބާރު ބޭނުންކުރުން
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުތަކުގައި އެދުން
5- ހާޒިރުކުރަން ޖެހޭ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
6- މި މައްސަލައާ ގުޅިގެން އެހެން އިދާރާއަކުން ތަހުގީގެއްކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާ އަދި އެ ނޫން ވެސް މައުލޫމާތު ހޯދުން
އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ:
° ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކޮމިޝަންގެ ރައީސް)
° ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަހްމަދު މުހައްމަދު، ވ. އަލްމާން
° ޑރ. މޫސާ މުރާދު
° ޖަބީން މުހައްމަދު، މޫނިމާގެ/ތ. ވޭމަންޑޫ
° އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު ބުނެފައިވަނީ، އެ ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެ ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.



