ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހޮވުމަކީ، މި ޤައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ، މިހާރުގެ ރިޔާސީ ދައުރުގެ މުއްދަތުގެ ސަބަބުން ތަރައްގީގެ މަޝްރޫޢުތަކުގެ ޕްލޭންތައް ހަދައި، ފައިސާ ހޯދުމަށްފަހު ބާކީ އޮންނަނީ އެންމެ ތިން އަހަރު ކަމަށެވެ. އަދި މަޝްރޫޢުތަކުގެ މަސައްކަތް ކުރުމަށް ލިބެނީ އެންމެ ދޮޅު އަހަރު ނުވަތަ ދެ އަހަރާއި ބައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ތަރައްގީގެ ގިނަ މަސައްކަތްތަކެއް ދައުރެއް ތެރޭގައި ރައީސަށް ނުކުރެވޭކަން މެންބަރު ފާހަގަ ކުރެއްވިއެވެ.
”އެހެންވީމާ، 2028 ގައި އޮންނަ ރިޔާސީ އިންތިހާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދޭން ޖެހޭ. އެއީ ޤައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް“ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މީގެއިތުރުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ މުހިންމުކަން ވެސް މެންބަރު މުޙައްމދު އިސްމާއިލް ފާހަގަ ކުރެއްވިއެވެ.
އެގޮތުން މި އިންތިހާބުން ޕީއެންސީއަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަކީ މިހާރުގެ ސަރުކާރާއި ރައީސް މުޢިއްޒަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.



