ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މި ފެށޭ ޖުލައި މަހުގެ 1ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ޕްރޮގްރާމެއްގައި ރޭގައި ބައިވެރިވެ ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަންގައި މިހާތަނަށް 151،694 ބިދޭސީންގެ ބައޯމެޓްރިކްސް ނަގައި، މައުލޫމާތު އެއްކޮށްފައިވާކަން މިނިސްޓަރ ފާހަަގަ ކުރައްވާފައިވެއެވެ.
މީގެއިތުރުން ހުއްދަ ނެތް ވިޔަފާރިތައް ކުރުމާއި، ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުމާއި އެކިއެކި ކުށުގެ މައްސަލަތަކުގައި، ވޭތުވެދިޔަ ދޮޅުއަހަރު ތެރޭގައި 7549 ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައިވާކަން ވެސް މިނިސްޓަރ އިހުސާން ފާހަގަ ކުރެއްވިއެވެ.
ހޯމްލޭންޑް މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އަންނަ މަހު 1 ގައި ފަށާނެ ކަމަށާއި މި މަސައްކަތުގެ ދެވަނަ މަރުހަލާގައި ހިމެނެނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ޤަވައިދުގެތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.
މީގެއިތުރުން ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައިވާ ކަމަށާއި މި މައްސަލަ ހައްލުވުމުގައި ވެސް ކުރިއެރުންތައް ލިބިފައިވާކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓް ކުރެވޭނެ ނިޒާމުވެސް ހަރުދަނާ ކުރާނެކަމަށާއި މިކަން ކުރާނީ މަސައްކަތަށް ބިދޭސީން ގެންނަ ޤައުމުތަކާ ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”އެމްބަސީތައް މެދުވެރިކޮށް ބަލާނަން، ބިދޭސިން ރެކްރޫޓްކުރާ އެޖެންސީތަކަކީ ކޮބާތޯ، އެއީ ރެޖިސްޓްރީކުރެވިގެން ހިންގާ އެޖެންސީތައްކަން ޔަގީންކުރާނަން. ރާއްޖޭގެ ސިސްޓަމްގައިވެސް ރެޖިސްޓްރީކޮށްގެން ކުރެވޭނެ“ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ބިދޭސީން ގެނައުމަށްފަހު، އެމީހުންލައްވާ މަސައްކަތް ކުރުވަނީވެސް ގަވައިދާ އެއްގޮތަށްތޯ ބަލާނެ ކަމަށާއި އެގޮތުން އެންގުމެއްނެތި ރެއިޑްތައް ހިންގުމާއި މަސައްކަތު ސައިޓްތައްވެސް މޮނިޓަރ ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.




