ރާއްޖޭގެ މިޔުޒިކީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަހްމަދު ވަހީދު (އުސްހަކުރު އަހްމަދު ވަހީދު / މެލްބެ) މިއަދު ނިޔާވެއްޖެއެވެ.
ނިޔާވިއިރު އޭނާގެ އުމުރުން 76 އަހަރެވެ.
އުސްހަކުރު އަހްމަދު ވަހީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭންޑްތައް އުފައްދައިގެން މިއުޒިކް ކުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި އޭނާ މިއަދު ނިޔާވެފައިވާއިރު، ހިތުގެ ބައްޔާއި ކިޑްނީ ފެއިލްވުމާ ގުޅިގެން ޑައިލަސިސްް ހައްދަވަމުން ގެންދަވާތާވެސް މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
އުސްހަކުރު އަހްމަދު ވަހީދަކީ 1960ގެ އަހަރުތަކުން ފެށިގެން މިޔުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދެވި ޚިދުމަތްތެރިއެކެވެ. އެގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ ވިޔަފާރީގެ އުސޫލުން މިޔުޒިކް ކުޅެން ފެށި ބޭންޑްތަކުގެ ތެރޭގައި ހިމެނޭ ”ސިލޫޓްސް“ގައި އޭނާ ވަނީ އިސް ދައުރެއް އަދާ ކުރައްވައިފައެވެ.
އާންމުގޮތެއްގައި ކީބޯޑު ކުޅުއްވި ނަމަވެސް މިޔުޒިކްގެ ކޯޑުތަކަށް އުސްހަކުރު އަހްމަދު ވަހީދު ވަރަށް ކުޅަދާނައެވެ. އަދި އެނޫންވެސް މިޔުޒިކީ އިންސްޓްރުމެންޓުތަކަށް އޭނާ ވަރަށް ފަރިތައެވެ.
އުސްހަކުރު އަހްމަދު ވަހީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.




1 Comment
I am truly thankful to the owner of this web site who has shared this fantastic piece of writing at at this place.