މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ބޭރު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ޓޯކުރާ އުޅަނދުތައް ދޫކުރެވެން ފަށާނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ފުލުހުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓަރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ދުއްވި ފަރާތާމެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތަށް ޓޯ ކުރާ އުޅަނދުތައް ދޫކުރަން ފަށާނީ ޓޯ ކުރާތާ 48 ގަޑިއިރު ފަހުން ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން އުޅަނދުތައް ޕާކް ކުރަން ކަނޑައެޅިފައިވާ ޒޯންތަކުގައި ޕާކްކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނި ނަސޭހަތްތެރިވެފައެވެ.
މަލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުންދޭ އެއްބާރުލުން ފާހަގަކޮށް ފުލުުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.




