އީރާނުން އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލުގެ 5000 މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.
އިސްރާއީލްގެ އިންޓީރިއާ މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 5،110 މީހުންގެ ގެދޮރު ހަލާކުވެ މަގުމަތިވެފައިވެއެވެ.
އެންމެ ގިނަ ބަޔަކު މަގުމަތިވެފައިވަނީ އިސްރާއީލްގެ ރަމަތު ގަން އިންނެވެ. އެ ތަނުން 955 މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ޕެޓާހް ޓިކްވާއިން 945 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.
އަދި އިސްރާއީލްގެ ވެރިރަށް ތެލް އަވީވުން 907 މީހުންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. މީގެއިތުރުން ބާތު ރަމް އިން 812 މީހުން، ބްނެއި ބަރަކް އިން 550 މީހުން އަދި ރެހޮވޮޓް އިން 368 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި މިހާތަނަށް އީރާނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން 28 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތަކުގައި އީރާނުން 1،400 މީހުން ޒަޚަމްވެފައިވާއިރު، އިސްރާއީލުން 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން އެންމެ ފަހުން ވަނީ އީރާންގެ ދައުލަތުގެ ޓީވީ ހުންނަ އިމާރާތަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ވެސް ހަމަލާދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ޓީވީ އިމާރާތަށް ހަމަލާ ދިނީ އެ ތަނުގައި އަސްކަރީ ހަރަކާތްތައް ހިންގަމުންދާތީއެވެ. ނަމަވެސް މިކަމުގެ އެއްވެސް ހެއްކެއް އިސްރާއީލަށް ދެއްކިފައެއް ނުވެއެވެ.
އީރާން އާއި އިސްރާއީލްއާ ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުގެ އެއްވެސް ނިޝާނެއް މިވަގުތު ފެންނާކަށް ނެތެވެ.



