އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ޖެހި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ރޭ 19:30 ހާއިރު ހިނގި މި ހާދިސާގެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން އަންހެނަކާ އެކު ހިނގާފައިދިޔަ ތުއްތު ކުއްޖަކު މަގުމަތިން ދުއްވައިގަތްތަނާހެން، ބާރު ސްޕީޑުގައި އެ މަގުން އައި ސައިކަލެއްގައި ޖެހި ވިއްސައިގެން ގޮސްފައިވެއެވެ.
ތޮއްޑޫ ކައުންސިލުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އަނިޔާވި ކުއްޖާގެ ހާލަތު މިހާރު ވަނީ ސްޓޭބަލް ވެފައެވެ.
އއ ތޮއްޑޫ ބޮޑު މަގުގައި ރޭ ހިނގި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި 02 އަހަރުގެ ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ.
އެކުއްޖާ ވެއްޓުނު ގޮތަށް ހޭނެތުނީ.
އިމަޖެންސީގައި މާލެ ގެނެސް IGMH ގައި ފަރުވާދެމުން އަންނަނީ.
މާތްﷲ ގެ ހެޔޮރަޙްމަތުން ކުއްޖާގެ ހާލު މިހާރު ރަގަޅު.@PoliceMv pic.twitter.com/VW2BiGettu
— AD'DEY (@Addey_33) June 19, 2025
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ބޭނުންކުރި ސައިކަލު ވަނީ ޓޯކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
މަގުމަތީގެ މިފަދަ ހާދިސާތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ރިޕޯޓުކުރެވިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،388 އެކްސިޑެންޓް ވަނީ ރިޕޯޓުކުރެވިފައެވެ.
މީގެ ތެރޭގައި މިދިޔަ މަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ކުޑަކުއްޖަކު އުރައިގެން ނިރޮޅުމަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްވެސް ހިމެނެއެވެ.




