ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީން ހިއްކި 10 ހެކްޓަރުގެ ބިމުގެ އަގު ކަމުގައިވާ 1.6 މިލިއަން ޑޮލަރު ދެއްކުމަށް ސްރީ ލަންކާގެ ކުންފުނި ސީއެމްސީސީސީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ރަސްމާލެ ނަމުގައި ތަރައްގީކުރާ ކ. ފުށިދިއްގަރު ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު، ސްރީ ލަންކާގެ ސީއެމްސީސީސީއާ ހަވާލުކޮށްގެން ފެށީ ޑިސެމްބަރު 2023 ގައެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ 10 ހެކްޓަރުގެ ބިން ހިއްކާފައެވެ. ނަމަވެސް، މި މަސައްކަތުގެ އަގަށްވާ ފައިސާ ނުލިބުމުން އެމްޓީސީސީން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީއެވެ.
އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މަސައްކަތް ނިންމާފައިވާއިރުވެސް، އެ މަސައްކަތުގެ އަގަށްވާ ފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށް ދައްކާފައިނުވާ ކަމަށެވެ.
އެމްޓީސީސީން އެދުނީ، ދެ ފަރާތުގެ މެދުގައި ވެފައިވާ ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މަސައްކަތުގެ ޖުމްލަ އަގަށްވާ 1.68 މިލިއަން ޑޮލަރު (25.9 މިލިއަން ރުފިޔާ) އެކީ އެއް ފަހަރާ ދައްކައި ޚަލާސްކުރުމަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ސީއެމްސީސީން އެއްބަސްވެފައިވާތީ، އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
’ރަސްމާލެ‘ ގެ ނަމުގައި ފުށިދިއްގަރުފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކަން ސީއެމްސީސީއާ ހަވާލުކޮށް، އެ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023 ގައެވެ. އަށް މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މަސައްކަތް ތަވާލާ އެއްގޮތަށް ނުނިންމުމުން، ސަރުކާރުން ވަނީ އެ އެއްބަސްވުން 2024 ވަނަ އަހަރުގެ މެއި މަހު އުވާލާފައެވެ.
މެދުކެނޑުމަކަށްފަހު، ރަސްމާލެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.



