އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން ތެރޭ އިސްރާއީލުގެ 8000 މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.
އިސްރާއީލުގެ ޕްރޮޕަޓީ ޓެކްސް ކޮމްޕެންސޭޝަން ފަންޑުން ހާމަކުރި ގޮތުގައި އިމާރާތްތަކާއި އުޅަނދުފަހަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ވަނީ ހުށަހަޅާފައެވެ.
މިއީ އިސްރާއީލުގެ ތާރީޚުގައި އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ގެދޮރު ގެއްލިގެން ހުށަހެޅި ފަހަރެވެ.
ދެ ގައުމުގެ ދެމެދުގައި މި ހަނގުރާމަ ފެށުނީ މިދިޔަ ހުކުރު ދުވަހުގެ މެންދަމުގެ ވަގުތެއްގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އީރާން އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކެއް އަވަހާރަކޮށްލާފައެވެ.
އިސްރާއީލުގެ މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ހަމަ އެދުވަހު ރައްދު ހަމަލާތަކެއް ފަށާފައެވެ. އޭގެ ފަހުން ދެ ގައުމުންވެސް އަންނަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމައުން ވަނީ ދެ ގައުމަށްވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.


