ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި މިއަދު އިފްތިތާހު ކޮށްފިއެވެ.
އެކަމަށްޓަކައި ވީއައިއޭގައި އޮތް ރަސްމިއްޔާތެއްގައި އެ ފެންހޮޅި އިފްތިތާހު ކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
އެމްއޭސީއެލްއިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޅުތެރެއިން 635 މީޓަރު އަދި އެއްގަމުން 1،800 މީޓަރުގެ ދިގުމިނުގެ މި ފެން ލައިނަކީ އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރި އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ވެސް އެމްއޭސީއެލްއިން ވަނީ ފާހަގަ ކޮށްފައެވެ.
އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު (ރާއްޖޭގެ މިނިވަން ދުވަހު) ރަސްމީކޮށް ވީއައިއޭގެ އައު ޓާމިނަލް ހުޅުވާއިރު، އެމްއޭސީއެލްއިން އިއްޔެ ވަނީ އެކަމަށްޓަކައި ކައުންޓްޑައުނެއް ވެސް ފަށާފައެވެ.
ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މިޓާމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރުޢޫތަކުގައި ހިމެނޭ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫޢެވެ. ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު މިޓާމިނަލް ހުޅުވިގެންދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިޤްތިސާދަށް ޚާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެކެވެ.
އައު ޓަރމިނަލް ހުޅުވުމަށްވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ އެތައްގުނައެއް ބޮޑު، އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ޚިދުމަތްދެވޭނެ ތަނަވަސް ޓާމިނަލެކެވެ. އެއިރޯ ބްރިޖްއާއި، ސެލްފް ޗެކިންގ ސިސްޓަމްއާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމްތަކުގެ ޚިދުމަތް ޓަރމިނަލުން ލިބިގެންދާނެ ކަމުގައި އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.



