ހުއްދަ ނުހޯދާ ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފިއެވެ.
އިންޑިއާގެ ވައިގެ އިންޓެލިޖެންސުން އިއްޔެ ދެ ދިވެހިން ކޮޗިން އެއާޕޯޓުގައި ހިފަހައްޓާފައިވަނީ ތިން ކާޓަންގެ ބޭސް ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަން އުޅެނިކޮށެވެ. އެތަކެތީގެ އަގު އިންޑިއާ ރުޕީސްގެ 3 ލައްކައާއި 5 ލައްކައާ ދެމެދުގެ އަގަކަށް އަރާ ކަމުގައި، އެ ޤައުމުގެ ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ މި ބޭސްތައް އެމީހުން އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ އިމްޕޯޓު/އެކްސްޕޯޓު ކުރުމަށް ބޭނުންވާ ހުއްދައާއި ލިޔެކިޔުންތައް ނެތި ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
އިންޑިއާގެ ރިޕޯޓުތަކުން އިތުރަށް ބުނެފައިވަނީ، ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ބޭސްތަކުގެ ތެރޭގައި އެތެރެކުރުން މަނާ ބޭސް ހިމެނޭތޯ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިއީ މިގޮތަށް ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ވެސް ބަލަމުން އަންނަ ކަމަށް ކަސްޓަމްސްއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުންޏެވެ.
ހުއްދަ ނެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބޭސްތައް އަތުލައި، އެ ދެ ދިވެހިން ފުރަން އުޅުނު ފްލައިޓުން އެމީހުން ފުރުވާލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހުއްޓުވި ދެ ދިވެހިންނާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އެއްވެސް ރިޕޯޓެއްގައި ހާމަކޮށްފައެއް ނުވެއެވެ.




