އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ދޫކުރާ ”ފަށާ މަދަދު“ ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ލޯނު ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯން ސްކީމެއް ތައާރަފުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ހުޅުވާލި ސްކީމެކެވެ.
”ފަށާ މަދަދު“ ލޯން ސްކީމްއަށް 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ. މި ލޯނު ސްކީމްގެ %25 ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
މި ލޯނުގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.
”ފަށާ މަދަދު“ ލޯނަށް އެދުމުގެ ސުންގަޑިއަކީ އޮގަސްޓްމަހުގެ 31ވާ އާދީއްތަ ދުވަހެވެ.



