ރާއްޖެއަށް 12 ޤައުމަކުން ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުންނާއި ނޮން-ރެސިޑެންޓް އެމްބެސެޑަރުން އަދި ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން:
° ޕެރެގުއޭ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު – ފްލެމިންގް ރައުލް ޑުއާޓް ރާމޯސް
° ސައިޕްރަސް އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރު – އީވާގޮރަސް ރިޔޮނައިޑްސް
° ސްޕެއިން އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު – ޖުއާން އެންޓޯނިއޯ މާޗް ޕުޖޯލް
° މިސްރުން ކަނޑައެޅުއްވި އެމްބެސެޑަރު – އާދިލް އިބްރާހިމް
° އީރާނުން ކަނޑައެޅުއްވި އެމްބެސެޑަރު – އަލީރިޒާ ދެލްކޯޝް
° ގީނިއާ އިން ކަނޑައެޅުއްވި އެމްބެސެޑަރު – ކޯންޓޭ އަލާސާނެ
° ކެންޔާ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރު – ޕީޓަރ މުންޔީރީ މައިނާ
° ނޯވޭ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު – މޭ-އެލިން ސްޓީނަރ
° ކެމްބޯޑިއާ އިން ކަނޑައެޅުއްވި އެމްބެސެޑަރު – ރާތު މެނީ
° ތަޖިކިސްތާނުން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު – ލޫކްމޯން ބޮބޮކަލޮންޒޮޑާ
° އަލްޖީރިއާ އިން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު ޑރ. އަބްޑެނޯރް ޚެލީފީ
° ނޭޕާލުން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބެސެޑަރު ޑރ. ޕޫރްނާ ބަހާދޫރް ނޭޕާލީ
މި 12 ބޭފުޅުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުޢިއްޒުއާ ހަވާލު ކުރެއްވުމަށްފަހު ވަނީ ބައްދަލު ކުރައްވާފައެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި އެ ބޭފުޅުންގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އޭގެތެރޭގައި، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުންފަދަ ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަން ހިމެނެއެވެ.



