އިސްރާއީލުން އީރާނުގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް ހަމަލާދީފިއެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާއިން އެ ފެސިލިޓީއަށް ހަމަލާދިން ތާ އެއް ދުވަސް ފަހުންނެވެ.
ކޫމް ޕްރޮވިންސް ކްރައިސިސް މެނޭޖްމަންޓް ހެޑްކުއާޓާސްގެ ތަރުޖަމާނު ވިދާޅުވީ، މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ ހަމައެކަނި ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް އެކަންޏެއް ނޫނެވެ. އީރާނުގެ ވެރިރަށް ތެހެރާނާއި ކައިރީގައި އޮންނަ ކަރާޖް ސިޓީއަށްވެސް ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި ގިނަ ޗެނަލްތަކުގެ ލައިވް ޓްރާންސްމިޝަނަށް އެހީތެރިވެދޭ ޓެކްނިކަލް ފެސިލިޓީއަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.
މީގެއިތުރުން، ރެޑް ކްރެސެންޓް ސޮސައިޓީގެ އިމާރާތަކާއި އެވިން ޖަލުގެ ދޮރަށްވެސް ހަމަލާދީފައިވެއެވެ. އަދި ތެހެރާންގެ އުތުރުގައި ހުންނަ މަޝްހޫރު ޝާހިދު ބެހެޝްތީ ޔުނިވާސިޓީއަށްވެސް ހަމަލާދީފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިސްރާއީލުގެ ވައިގެ ހަމަލާތައް މެންދުރުފަހުގެ ވަގުތެއްގައި ކަރާޖް ސިޓީއަށް އަމާޒުކޮށްފައިވާއިރު، އީރާނުގެ ވެރިރަށުގެ އެކި ސަރަހައްދުތަކުން ދުން އަރަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ހާމަކޮށްފައިވެއެވެ.



