މެދު އިރުމަތީގައި ފެށިފައިވާ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވެދާނެތޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން މި ސަރުކާރުން ބަލަމުންދާ ކަމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވެފައިވަނީ އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް މައްޗަށް ގޮސްފާނެކަމުގެ ބިރު އުފެދިފައިވުމުންނެވެ. އެގޮތުން ތެލުގެ އަގު މައްޗަށް ގޮސްފިނަމަ އެކަމުގެ އަސަރު ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ކޮށްފާނެކަމުގެ ކަންބޮޑުވުން ވެސް ވަނީ އުފެދިފައެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިކަމާ ގުޅުންހުރި ފަރާތްތަކާއެކު ސަރުކާރުން މިހާރުވެސް މަޝްވަރާ ކުރަން ފަށާފައިވާ ކަމަށާއި ވަރަށް ގާތުން ކަންކަން މޮނީޓަރ ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ގެއްލުމެއް ނުވާނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
”މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށާއި ރައްޔިތުންނަށް ގެއްލުން ނުވާނޭހެން ކޮންމެ ކަމަކަށް ވެސް ތައްޔާރީ ހާލަތުގައި ތިބުމަށް“ މިނިސްޓަރ ޒަމީރު ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ބޮޑު ބައެއް ޖެހެނީ އިމްޕޯޓު ކުރާށެވެ. އޭގެތެރޭގައި ތެލާއި ގޭހަކީ އެފަދައިން އިމްޕޯޓުކުރާ ބާވަތްތަކެކެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ޔަހޫދީ އިޒްރޭލުން ވަނީ، ތެލާއި ގޭސް އުފައްދާ އަދި ރައްކާކުރާ އީރާނުގެ ރިފައިނަރީތަކާއި ކާރުޚާނާތަކަށް ހަމަލާދޭން ފަށާފައެވެ.
ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި، ޔަހޫދީންގެ މި ހަމަލާތަކާއެކު ތެލުގެ ސަޕްލައި ޗެއިނަށް ބުރޫއަރައި، ތެލުގެ އަގު މިއީން ދުވަހަކު މައްޗަށް ނުދާވަރަށް މައްޗަށް ދާނެކަމަށް ބެލެވެއެވެ.
އެ ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ނުވަ ވަރަކަށް އިންސައްތައަށް މައްޗަށް ގޮސްފައިވާއިރު، އީރާނުގެ ތެލާއި ގޭހުގެ އެކި ކާރުހާނާތަކާއި ފެސިލިޓީތަކަށް އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކާއެކު ތެލުގެ އަގު އިތުރަށް މައްޗަށް ދާނެކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.



