މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޚަލީލް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، އެސަރަހައްދުގައި ދިރިއުޅެމުންދާ ދިވެހީންގެ ހާލަތާމެދު މިހާރު އުފެދިފައިވާ ކަންބޮޑުވުންތަކަަށް އިޝާރާތް ކުރައްވަމުން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ޔަހޫދީ އިޒްރޭލުން އިސްވެ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަކަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ.
އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް އިޒްރޭލަށް ހަމަލާ ދިނުމުން، އަބަދުވެސް ޔަހޫދީންނާއެކުގައިވާ އެމެރިކާއިން ވަނީ މިދިޔަ އާދީއްތަ ދުވަހު އީރާނަށް ހަމަލާ ދީފައެވެ.
އެމެރިކާއިން ދިން ހަމަލާގެ ބަދަލުގައި އީރާނުން އިއްޔެ ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާއެކު ޤަތަރުންނާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ވެސް ބަންދުކުރިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓަރ ޚަލީލް ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އެ ވުޒާރާއިންނާއި މިޝަންތަކުން ވަރަށްގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި އެ ޤައުމުތަކުގައި ދިރިއުޅޭ އަދި މިވަގުތު އެ ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ހަމަނުޖެހުން އުފެދިފައިވާ ޤައުމުތަކާއި ވައިގެ ސަރަހައްދު ބަންދުކުރާ ޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓަރ ޚަލީލް އިލްތިމާސް ކުރެއްވިއެވެ.




