ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމަނިކުފަަނު ފަހުން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެންބަރުން، އަލުން އެމްޑީޕީއާ ގުޅުމަށް ރޭގައި ބޭއްވި ބޮޑު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމަށްޓަކައި ކަމަށް ބުނެ ޑިމޮކްރެޓްސްއިން މި މަހުގެ 17 ވަނަ ދުވަހު ވަނީ އެ ޕާޓީ އުވާލައި، ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައެވެ.
ރައީސް ނަޝީދުއާ ޑިމޮކްރެޓްސްގެ މެންބަރުން އިދިކޮޅު އެމްޑީޕީއާ އަލުން ގުޅުމުގެ އުފަލުގައި އެ މެންބަރުންނަށް ހޫނުގަދަ މަރުހަބާއެއް ދެންނެވުމަށްޓަކައި ސަލްޓަން ޕާކުގައި ރޭގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސްް ޢަބްދުﷲ ޝާހިދާއި ޗެއާޕަރސަން ފައްޔާޒް އިސްމާއިލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްއާއި އެމްޑީޕީގެ އިސްވެރިންގެ އިތުރުން ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އަދި ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ނަމަވެސް ގިނަ ބަޔަކު އެންމެ ފެނުމަށް އިންތިޒާރު ކުރި ރައީސް ޞާލިޙް އެ ޖަލްސާއަށް ވަޑައިނުގަންނަވާކަން ގިނ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޞާލިޙް އެ ޖަލްސާއަށް ވަޑައިނުގަތީ، މިވަގުތު ރާއްޖޭގައި ނެތުމުންނެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެނބުރި ޕާޓީ އާއި ގުޅިވަޑައިގަތުމުން ގެއަށް ވަޑައިގެންނެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
މިތަނަށް އައިސް ހުންނައިރު އިންތިހާއަށް އަޅުގަނޑު އުފާވޭ. އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި. އަލުން އަނބުރާ ގެއަށް އައުމުން ރަށަށް އައުމުން އެވާ އުފާ އަޅުގަނޑު ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ. ތިބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކުފުޅުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ. އަދި އެ ޕާޓީން ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.




