އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ކުރިއަށްދާ ޣައްޒާގައި، މިއަދު އެހީގެ ސާމާނު ބަހަމުންދިޔަ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި 50 އަކަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.
އަލްޖަޒީރާ އިން ނަގާފައިވާ ރިޕޯޓުތަކުގައިވާ ގޮތުން، މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ.
އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާ (އުންރުވާ)ގެ ވެރިޔާ ބުނީ މިހާރު އެހީގެ މަސައްކަތަށް އިސްރާއީލުން ފުރުސަތު ދީފައިވާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އިންތިޒާމްތަކަކީ ”މަރުގެ ދަންތުރައެއް“ ކަމަށެވެ. މިދިޔަ މަހުން ފެށިގެން، އެމެރިކާ އާއި އިސްރައިލުން ބޭނުންވާ ގޮތަށް އެހީގެ މަސައްކަތް ފެށި ޖަމިއްޔާއިން އެހީ ބެހުމުގެ އިންތިޒާމްތައް ގެންގުޅޭ ގޮތުން އާންމުންނަށް ވަނީ ބޮޑު ނުރައްކަލަކަށް ވެފައެވެ.
ޣައްޒާގެ މެދުތެރޭގެ ވާދީ ޣައްޒާގެ ދެކުނުގައި އޮންނަ ސަލާހުއްދީން މަގުގައި މިއަދު ދިން ހަމަލާގައި 25 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް އެޖެންސީތަކުން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާގައި 140 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 62 މީހެއްގެ ހާލަތު ސީރިއަސް ކަމަށް ވެސް އެ އެޖެންސީތަކުން ވަނީ ބުނެފައެވެ.
އިސްރޢީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ޣައްޒާގެ ހާލަތަށް ދުނިޔޭގެ ސަމާލުކަން އޮތީ ކުޑަވެފައި ވީ ނަމަވެސް، އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ ދެ އަހަރު ވާން ކައިރިވާއިރު، މިހާތަނަށް ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 65،000 އަށް އަރާފައެވެ.
އެހީ ބަހާ ތަންތަނުގައި ހަމަނުޖެހުން އުފެދުމާއި މީހުން ތޮއްޖެހުން ފަދަ ކަންކަން ދިމާވާ ކޮންމެ ފަހަރަކު އިސްރާއީލުން ހަމަލާދީ އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލަމުން ދެއެވެ.



