ފާއިތުވީ ދެ އަހަރާ އަޅާބަލާއިރު ވެހިކަލް ރެޖިސްޓްރީ ކުރި އަދަދު ވަނީ 74.6 އިންސައްތައަށް ދަށްވެފައި ކަމުގައި ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުން ރޭގައި ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މާލެ ސަރަހައްދަކީ އެންމެ ތޮއްޖެހުން ބޮޑު ސަރަަހައްދު ކަމުގައިވާއިރު، މާލޭގައި ދުއްވުމަށް ގިނަ ވެހިކަލްތަކެއް ވަނީ ރެޖިސްޓަރ ކޮށްފައެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ސިޓީއެއްގައި ނުވަތަ ރަށެއްގައި ވެހިކަލް ގެންގުޅެވޭނެ އަދަދު ކަނޑައަޅާނީ އެތަނެއްގެ ސިޓީ ކައުންސިލުން ނުވަތަ ކައުންސިލުން ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާއި ހަވާލުވެ މާލެ ސިޓީ ކައުންސިލާއި އެތައް ފަހަރަކު ވާހަކަދައްކައިގެންވެސް މާލޭގެ ކެރިން ކެޕޭސިޓީ ނުވަތަ އުޅަނދު ބޭނުންކުރެވޭނެ މިންވަރު އަދިވެސް ކަނޑަނޭޅޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާލެ ސިޓީއަށްކަން ފާހަގަ ކުރައްވާ ޓްރާންސްޕޯޓު މިނިސްޓަރ ވިދާޅުވީ މާލޭ ސަރަހައްދުގެ ވެހިކަލް ލިމިޓެއްނެތި އެތެރެކުރުމުގެ މައްސަލަ މިހާ ހިސާބަށްގޮސްފައިވަނީ ޤާނޫނާއި ގަވައިދާ ޚިލާފަށް އެތައް ކަމެއް ހިންގުމަށް މީގެ ކުރިން ޖާގަ ދެވިފައި އޮތުމުންކަމަށެވެ.
”އަޅުގަނޑު ހަމަ ޔަޤީންކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެން ސަރުކާރަށް އައި ފަހަކުންނެއް ޤާނޫނާއި ގަވައިދުތަކާއި ޚިލާފަށް އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ކުރެވޭނެ ޖާގައެއް ނުދެން. އަދި އެކަން އަޅުގަނޑު ހުރެގެން ވިޔަކަވެސް ނުދޭނަން. ނަންބަރުތަކަށް ބަލާއިރު 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ބަލާއިރު %74.6 ރެޖިސްޓްރޭޝަން ދައްވެފައި ވަނީ. އޭގެން އެނގެނީ ޤާނޫނާއި ގަވައިދު ހިފެހެއްޓީމަ އެކަންތައްތައް ރަނގަޅުވަމުންދާކަން.“ މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، އަންނަ މަހު 13 އިން ފެށިގެން ރަޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި އެއްވެސް ވެހިކަލެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށެވެ.




