އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައަށް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވާ ކަމަށް ބުނެ، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި މިއަދު ހެނދުނުން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެއްޓެވިތާ 10 ވަރަކަށް ގަޑިއިރު ފަހުން އޭނާ ހައްޔަރުކޮށްފިއެވެ.
މި ކަންބޮޑުވުމާ ގުޅިގެން ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އޭނާ ދިރިއުޅޭ ސަރަހައްދުގެ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތާ ދޮޅު އަހަރު ވެފައިވާ ކަމަށެވެ.
އެގޮތުން ކަޝިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައިދާ މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން ހަޅޭއްލެވުމާއި، މަގު ބަންދުކުރާ ބޯޑުތަކާއި ބައިސްކަލު ބޭނުންކޮށްގެން މަގުމަތީގެ ދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން ގޭގެއަށް ކުނި އުކުމާއި ބެލްކަނިން މީހުންގެ ގަޔަށް ތެލާއި ފެން ޖެހުން ފަދަ އަމަލުތައް އޭނާ ކުރަމުންދާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެ ނަމާދު ދޭތެރެއިން ފެށިގެން ފަތިސްވަންދެން ބާރަށް ހަޅޭއްލެވުމާއި، ހުއްދަނެތި އިމާރާތްތަކުގެ އެތެރެއަށް ވަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަތައް ފުލުހުންނަށް ރިޕޯޓުކޮށް، ހެކި ހުށަހެޅި ނަމަވެސް އެއްވެސް ބަދަލެއް ނައިސް، މުއައްސަސާތަކުން ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން އާއިލާގެ ރައްކާތެރިކަމަށްޓަކައި ހެނދުނު 8:00 އިން ފެށިގެން ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެއްޓެވި ކަމަށާއި، ކަމާބެހޭ އިދާރާތަކުން ދާއިމީ ހައްލެއް ހޯދައިދެންދެން ހަޅުތާލު ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ އެ މީހާ ވަރަށް ފަހުން ވެސް ބަންދުގައި ބެހެއްޓިކަމަށާއި ނަމަވެސް ދޫކޮށްލުމުން އަނެއްކާވެސް އުނދަގޫ ކުރަން ފެށީ ކަމަށެވެ. އެހެންނަމަވެސް އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ އެ މީހާގެ ފަރާތުން އާންމު އުނދަގޫ ފޯރާ ކަމުގެ ގިނަ ރިޕޯޓުތަކެއް ލިބިފައިވާ ކަމަށާއި، ދެން ބަލަން ޖެހޭނީ އޭނާގެ މަސްތުވާތަކެތީގެ ރެކޯޑެއް އޮތްތޯ ކަމަށެވެ.




