ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ 4،000 ލިބޭ މީހުންނަށް އެތަންތަން ރެޖިސްޓަރ ކޮށްދޭނީ ނުވަތަ މިލްކުކޮށްދޭނީ، ދައްކަންޖެހޭ ކުލި އެއްކޮށް ދައްކާ ނިމުމުން ކަމަށް ހައުސިންގް މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް އިއްޔެ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްޠަލިބް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ބައިވެރިވެ، ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިގޮތަށް އުސޫލަށް ބަދަލު ގެންނަނީ ސޯޝަލް ހައުސިންގެ ގޮތުގައިދޭ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީޖުގައި މިހާރު އޮތް އޮތް ހައުސިން ބިލު ފާސްވުމުން އެ މައްސަލައަށް ހައްލު އަންނާނެ ކަމަށް ވެސް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
”އެއްގޮތަކީ މިހާރު މި ދޫކުރާ ފްލެޓުތައް ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުން. އެގޮތުން އެއްގޮތަކީ ބޭންކުން މޯގޭޖު ފައިނޭންސިންގެ ތެރެއިން މޯގޭޖެއްގެ ގޮތުގައި އެތަން ދިނުން. އަނެއް ގޮތަކީ ވަކި މުއްދަތަކަށް ކުލި ދައްކާގޮތަށް (ދިނުން). އެ މުއްދަތު ހަމަވީމަ އެތަން މިލްކުވާގޮތަށް. މިހާރު މި ދޫކުރަން އުޅޭ 4،000 ފްލެޓު އަޅުގަނޑުމެން އެގްރިމެންޓު ކުރާނީ މި ދެންނެވި ގޮތަށް 25 އަހަރުގެ މުއްދަތަށް ކަނޑައެޅިފައިވާ ކުއްޔެއް ދެއްކީމާ އެ ފަރާތްތަކަށް އެތަން ރެޖިސްޓްރީ ކޮށްދޭ ގޮތަށް“ ހައުސިންގް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލައަށް އޭރުން ހައްލު އަންނާނެ ކަމަށެވެ.


