ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 2 އަށެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ޤައުމަށް މަންފާކުރާނެ ތަރައްޤީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާ ކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ސިންގަޕޫރާ ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.




