ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އަނިޔާވެގެން މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށި ދެ ކުޑަކުދިން މިހާރު ވެންޓިލޭޓަރުން ނަގައިފި ކަމަށާއި ނަމަވެސް ވެންޓިލޭޓަރުގައި ފަރުވާދިން ޓީޗަރުގެ ހާލު އަދިވެސް ސީރިއަސްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުން ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ސައިކަލުގައި ތިބީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރެކެވެ. ސައިކަލުން ޖެހިފައި ވަނީ ކަސްރަތަށް ހިނގަން ނިކުމެ އުޅުނު އެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އެންމެންނަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައެވެ.
ނަމަވެސް ޕްރިންސިޕަލް ފިޔަވައި، ދެން ތިބި ތިން މީހުންނަށް ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރަށް ލައިގެންނެވެ. އޭގެތެރެއިން ކުޑަ ދެކުދިން މިހާރު ވެންޓިލޭޓަރުން ނަގާފައިވާއިރު، ޓީޗަރުގެ ހާލު އަދިވެސް ސީރިއަސްއެވެ. ޓީޗަރުގެ ހާލު އަދިވެސް ސީރިއަސްއެވެ. އޭނާއަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށާއި އެކްސިޑެންޓުގެ ސަބަބުން ޓީޗަރުގެ މޭގެ ބައެއް ކަށިތައް ބިނދިފައިވާ ކަމަށް އެނގިފައިވެއެވެ.



