މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ނުކުރާނެ ގޮތަކަށް، ފަތުރުވެރިކަން ޕްރަޮމޯޓް ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތޯރިގް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިހާރު ފަތުރުވެރިން އާންމުކޮށް އަންނަމުންދާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތަކަށް ފުޅާކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ޓްރެވެލް އޭޖެންޓުނާއި ރިސޯޓުތަކާއި އެއަރލައިންތަކާއެކު އެމަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މެދުއިރުމަތީގައި އީރާނާއި އިޒްރޭލާ ދެމެދު މި މަހު ހިނގި ހަނގުރާމައިގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވި ނަމަވެސް، ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދަށް އެކަމުގެ ސަބަބުން މާބޮޑު އަސަރެއް ނުކުރާކަން މިނިސްޓަރ ތޯރިގްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
”އެއީ އަޅުގަނޑަށް ހީވާނީ ވޭކް-ކޯލެއް ހެން އެހެން ދިމާތަކަށް އެހެން އޭރިއާތަކަށް، މާކެޓް ކުރުމަށް. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެކަމަށް މަސައްކަތް ކުރާނަން. މިއަންނަ އަހަރު ބަޖެޓުންވެސް އެމްއެމްޕީއާރްސީގެ ބަޖެޓުންވެސް އިތުރަށް އެހެން ދިމާތަކަށް ފޯކަސް ކުރުމުގެ މަސައްކަތް ކުރާނަން“ ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ ތަޖުރިބާތަކުގެ އަލީގައި ދެން ކުރެވޭނެ ކަންކަން ބަލައި، އިތުރު މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް މަސައްކަތް ކުރެވޭނަމަ، ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ފަހި ފުރުސަތުތަކެއް އޮންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.




