ތައިލޭންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ މަގާމުން އިސްތިއުފާ ދޭން ގޮވާލައި ބެންކޮކްގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ.
މިއީ ވެރިކަން ކުރާ ޕާޓީ ފިއު ތައި ޕާޓީ 2023 ގައި ވެރިކަމަށް އައި ފަހުން އެ ޕާޓީއާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ބޮޑުވަޒީރަކީ ގައުމުގެ ދުޝްމަނެއް ކަމަށާއި އެ ކަމަނާ އަކީ މަގާމަށް ކުފޫ ވެސް ހަމަވާ ބޭފުޅެއް ނޫނެވެ. އަދި މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެފަރާތްތަކުން ބުނެފައިވެ އެވެ.
މި މުޒާހަރާތައް ފެށިގެން އައީ ބޮޑުވަޒީރާއި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހޫން ސެންއާ ދެމެދު ދެކެވުނު ފޯނު ވާހަކައެއް ލީކުވުމާ ގުޅިގެންނެވެ.
”އެ ފޯނު ކޯލަކީ އަޅުގަނޑުގެ އަމިއްލަ ފޯނުން ކުރި ކޯލެއް، ވާހަކަތައް ރެކޯޑްކޮށް އާންމުންނަށް ލީކުވިކަން އެނގިފައެއް ނުވޭ،“ ބޮޑުވަޒީރު ވިދާޅުވި އެވެ.
ތައިލެންޑުގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރާއި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރާ ދެމެދު ދެކެވުނު ސިއްރު ވާހަކަތަކެއްގެ ރެކޯޑިންއެއް ކެމްބޯޑިއާ އިން އާންމު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އުމުރުން 38 އަހަރުގެ ޕެޓޮންގްޓާންގެ އަކީ 2001-2006 އަށް ތައިލޭންޑްގެ ބޮޑުވަޒީރުކަން ކުރެއްވި ތަކްޝިން ޝިނަވަޓްރާގެ ދަރިކަނބަލެކެވެ. އޭނާ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ.
އަދި މިހާރު ކުރިމަތިވެފައިވާ މައްސަލައާ ގުޅިގެން މައާފަށް އެދިވަޑައިގެން، އިސްތިއުފާ ނުދެއްވާނެކަން އިއުލާން ކުރައްވާފައިވެ އެވެ.




