އީރާނާ ދެކޮޅަށް ޔަހޫދީން ފެށި ހަނގުރާމައިގައި އެ ޤައުމުގެ އެންމެ ބޮޑު އެއް ޖަލަށް ބޮންއަޅައި 71 މީހުން ޝަހީދުކޮށްލިކަން ހާމަވެއްޖެއެވެ.
މި ހަނގުރާމައިގައި ޔަހޫދީން ބޮންއަޅާފައިވަނީ އީރާނުގެ ވެރިރަށް ތަހްރާނުގައި ހުންނަ އަވީން ޖަލަށެވެ. މި ޖަލަކީ ގިނައިން ސިޔާސީ ކުށްވެރިން ބަންދުކޮށްފައި ބައިތިއްބާ ޖަލެކެވެ.
އީރާނުގެ އެކި މަސްދަރުތަކުން ހާމަކުރި ގޮތުގައި، 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި، ޖޫން 23 ވަނަ ދުވަހު އަވީން ޖަލަށް ޔަހޫދީން ބޮންއަޅާފައިވެއެވެ. ނަމަވެސް އެ ވަގުތު ބެލެވިފައިވަނީ މި ޙަމަލާގައި ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އީރާނުގެ ޢަދުލްއިންޞާފާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޙަމަލާގައި ޝަހީދުވި 71 މީހުންގެ ތެރޭގައި ހިމެނެނީ ޖަލުގެ އިދާރީ މުވައްޒަފުންނާއި، އަސްކަރީ ތަމްރީން ފުރިހަމަކުރަމުންދިޔަ ޒުވާނުންނާއި، ޤައިދީންނާއި، އެ މީހުންނަށް ގޮވާލަން ގޮސް ތިބި ޢާއިލާގެ މީހުންނާއި، އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ޢާންމު ރައްޔިތުން ކަމަށެވެ.
މި ޙަމަލާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޖަލުގެ އިދާރީ އިމާރާތަށެވެ. އަދި މި ޙަމަލާއާ ގުޅިގެން އެ ޖަލުގައި ތިބި ޤައިދީން ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައެވެ.
އަވީން ޖަލަކީ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުން ވެސް ބަންދުކޮށްފައި ބައިތިއްބާ ޖަލެކެވެ. އޭގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.
ޖޫން 13 ވަނަ ދުވަހު ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި 700 އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި އީރާނުގެ އަސްކަރީ ކޮމާންޑަރުންނާއި، ސައިންސްވެރިންނާއި، ނޫސްވެރިންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، އެތުލީޓުން ހިމެނެއެވެ.



