ލީކްވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލޭންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާގެ މަގާމުން ސަސްޕެންޑްކޮށްފި އެވެ.
އުމުރުން 38 އަހަރުގެ ބޮޑުވަޒީރު ސަސްޕެންޑު ކުރިއިރު، އަވައްޓެރި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހޫން ސެންއާ ދެމެދު ފޯނުން ދެކެވުނު ވާހަކަތަކެއް ލީކުވުމާ ގުޅިގެން މިދިޔަ ހަފުތާއިން ފެށިގެން އޭނާގެ އިސްތިއުފާ އަށް ގޮވައި ބެންކްކޮކްގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ.
ލީކްވި ފޯނު ކޯލްގައި ބޮޑުވަޒީރު ތައިލެންޑުގެ އަސްކަރިއްޔާގެ އިސް އޮފިސަރަކަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައި އެވެ.
މި މައްސަލައިގައި ބޮޑުވަޒީރު މަގާމުން ސަސްޕެންޑްކޮށް ތައިލޭންޑްގެ ދުސްތޫރީ ކޯޓުން ވަނީ 15 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ވެސް ބޮޑުވަޒީރަށް އަމުރުކޮށްފަ އެވެ.
އެހެންވެ މައްސަލަ ބަލައި ނިމެންދެން ބޮޑުވަޒީރުގެ ސަސްޕެންޝަން ދެމިއޮންނާނެ އެވެ.
ލީކްވި ފޯނު ކޯލްގެ މައްސަލައިގައި ބޮޑުވަޒީރު ސަސްޕެންޑްކުރި އިރު، އޭނަ މިއަދު އަނެއްކާ ވެސް އެކަމަށް މައާފަށް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި އަމިއްލަ މަސްލަހަތަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ބޮޑުވަޒީރު ސަސްޕެންޑްކުރުމާ ގުޅިގެން ތައިލޭންޑްގެ ސަރުކާރުން ހިންގެވުމުގެ ޒިންމާ ވަގުތީ ގޮތުން ދެން ނަންގަވާނީ ބޮޑުވަޒީރުގެ ނައިބެވެ.
ޕެޓޮންގްޓާންގެ އަކީ 2001-2006 އަށް ތައިލޭންޑްގެ ބޮޑުވަޒީރުކަން ކުރެއްވި ތަކްޝިން ޝިނަވަޓްރާގެ ދަރިކަނބަލެކެވެ.
އޭނަ ބޮޑުވަޒީރު ކަމަށް ވަޑައިގަތީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ.



