އިންޑޮނޭޝިއާގެ ބާލީގެ ރިސޯޓާއި ކައިރި ސަރަހައްދުގައި 65 މީހުން އުފުލި ފެރީއެއް ބަންޑުން ޖަހާލައި 5 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ގެއްލިއްޖެއެވެ.
ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އީސްޓް ޖާވާގެ ބަންޔުވަންގީ ބަނދަރުން ފުރި ކޭއެމްޕީ ތުނު ޕްރަތަމަ ޖަޔާ ފެރީ ފެތުނު ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އިންޑޮނޭޝިއާގެ ސަލާމަތީ އަދި ސަރޗް އެންޑް ރެސްކިއު އޭޖެންސީ (ބަސަރްނާސް) އިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއިން މިހާތަނަށް 35 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ސަލާމަތްކުރުމުގެ މަސައްކަތުގައި ހެލިކޮޕްޓަރަކާއި 15 އުޅަނދު ބޭނުންކުރަމުންދެއެވެ.
ސުރަބަޔާ ސަރޗް އެންޑް ރެސްކިއުގެ އިސްވެރިޔާ ނަނަންގް ސިގިތް ބުނި ގޮތުގައި އުޅަނދު މިވަގުތު ވަނީ އެއްކޮށް ފެނުގެ އަޑިއަށް ގޮސްފައެވެ. އަދި ފެރީގެ އެތެރޭގައި މީހުން ތިބުމުގެ ފުރުސަތު އޮތް ކަމަށާއި، ނަމަވެސް މިވަގުތު ފޯކަސް ކުރަނީ ކަނޑުގެ މަތީ ސަރަހައްދަށް ކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާގައި މަރުވި 5 މީހުންގެ ހަށިގަނޑު ބަންޔުވަންގީގައި ތިބި އެ މީހުންގެ އާއިލާތަކާ ހަވާލުކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ބަންޔުވަންގީ ޕޮލިސް ޗީފް، ރާމާ ސަމްތަމާ ޕުތްރާ ބުނީ ކަނޑުމަތީގައި ދަތުރުކުރި ސަލާމަތްކުރެވުނު މީހުން ތިބީ ހޭނެތިފައެވެ. އަދި މި ހާދިސާ ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދްރާ ވިޖަޔާ ވަނީ ބުނެފައެވެ.
ސައުދީ އަރަބިއާގައި ހުންނެވި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ މި ހާދިސާއަށް ވަގުތުން އިމަޖެންސީ ރެސްޕޮންސްއެއް ދިނުމަށް އަމުރު ކުރެއްވިއެވެ.
17،000 އަށްވުރެ ގިނަ ޖަޒީރާތަކުން އެކުލެވިފައިވާ އިންޑޮނޭޝިއާގައި ކަނޑު ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތައް ދަށްވުމުގެ ސަބަބުން މިފަދަ ހާދިސާތައް އާންމުކޮށް ހިނގާކަން ފާހަގަކުރެވެއެވެ.




