ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރަނީ މުދައްރިސުން ކަމަށް މިނިސްޓްރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 – 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި، ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅޫވީ މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ސުކޫލު ނިންމާ ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައި ކުއްޖަކަށް ހަދައިދިނުން ކަމަށެވެ.
”މި ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތްކުރައްވަނީ މުދައްރިސުން، އެހެންކަމުން މުދައްރިސުންގެ މަސައްކަތްތަކަށް އަބަދުވެސް އަޅުގަނޑުމެން ފަޚުރުވެރިވެ ޝުކުރުއަދާކުރަންޖެހޭ“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ރިޕޯޓުން މުދައްރިސުންނަށް ޓަކައި ފަންނީ ގިނަ ޕްރޮގްރާމުތަކެއް ހިންގައިފައިވާ އެނގިއްޖެ ކަމަށެވެ. އަދި އޯލެވެލް، އޭލެވެލްއިންވެސް 1 ވަނަ ދެ ދަރިވަރުން ހޯދުން އެއީ މުދައްރިސުންނަށް ދެއްވާ ތަމްރީނުގެ ހެޔޮ ނަތީޖާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޖަލްސާގަިއ އޭދަފުށީގެ ކައުންސިލަރުންނާއި، ތަޢުލީމީ މަރުކަޒުގެ ވެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި، އަދި ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވެފައި ވެއެވެ.



