އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، ނަހަމަ ގޮތުގައި މުދާ ހޯދުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”މުދަލަކީ މާތް ﷲގެ ޙައްޤެކެވެ“ މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެއްޗެވެ.
އަދި އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އަމާނާތަކާއި އިމްތިޙާނެއް ކަމަށާއި، ޤިޔާމަތް ދުވަހު އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ވައްކަމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ މާތް ﷲ ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. އަދި މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫން ކަމަށާއި، މާތް ﷲގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންނަށް އޮތީ ނަރަކަ ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރަށްވާފައިވާ ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން، ޙަލާލު މުދަލަކީ ތެދުވެރިކަމާ އެކު ކުރާ މަސައްކަތުންނާއި، އަދާކުރާ ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ މުޢާމަލާތުތަކުން ލިބޭ އާމްދަނީގެ އިތުރުން ހެޔޮ ހިތުން ދެވޭ ހަދިޔާއާއި ތަރިކައިން ލިބޭ މުދާ ކަމުގައި ޚުޠުބާގައި ބަޔާންކުރިއެވެ.
އަމާނާތެއްގެ ގޮތުގައި ދެއްވާފައިވާ މުދަލުގައި އަދާކުރަންޖެހޭ ޙައްޤުތަކެއް ވާކަން ފާހަގަކޮށް ޚުޠުބާގައި ވިދާޅުވީ، އެންމެ ފުރަތަމަ އަދި އެންމެ އިސް ވާޖިބަކީ އަމިއްލަ އަނބިދަރިންނާއި މައިންބަފައިން ހިމެނޭހެން އަމިއްލަ އަހުލުވެރިންނަށް ކުރުން ވާޖިބުވާ ހޭދަ ކަމަށެވެ. އެއަށްފަހު ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި، މިސްކީނުންނާއި ޔަތީމުންނަށް ހޭދަކުރުމުގެ އިތުރުން، މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ދައްކަންޖެހޭ ފަރުޟު ޒަކާތް ދެއްކުމަށް ޚުޠުބާގައި ބާރުއެޅިއެވެ.
ހަމައެއާއެކު، މުދާ އިސްރާފުކުރުމާއި ބޭކާރު ގޮތުގައި ހަލާކުކޮށްލުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ ކަމަށާއި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ބޭނުމެއް ނެތި ތަކެތި ގަނެ މުއްދަތު ހަމަވެގެން އުކާލަން ޖެހުމަކީ ވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމުގައި މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.




