މިދިޔަ އަންގާރަ ދުވަހު ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ދެ ތެޔޮބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އޭގެ ވެރިފަރާތް މާލެ ގެނެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އަލިފާނުގެ އެ ހާދިސާގައި ފިހުނީ އެ ބޯޓުތަކުގެ ވެރިފަރާތާއި ބިދޭސީއެކެވެ. އޭގެ ތެރެއިން ބޮޑަށް ހާލު ދެރަވެގެން މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ ބޯޓުގެ ވެރިފަރާތަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ މިއަދު ވިދާޅުވީ 61 އަހަރުގެ އެ ދިވެހި މީހާއަށް މި ވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީތެރިކަމުގައި ކަމަށެވެ.
މި ހާދިސާ ހިނގާފައިވާ ދެ ބޯޓުވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
ފުރަތަމަ އެއް ބޯޓުގައި ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސި ވަގުތެވެ. ބޮޑަށް ރޯވީ އެ ބޯޓުގައެވެ. ދެވަނަ ބޯޓުގައި ރޯވީ އަނެއް ދޯނީގެ އަލިފާނުގެ އަސަރުކޮށްގެނެވެ.




