އެމެރިކާގައި ހަލުއިކަމާއެކު ހިމަބިހި ފެތުރެމުންދާތީ، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 4،852 އަށް އަރައިފައިވާ ކަމަށް އެ ޤައުމުގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފިއެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އޭގެ ކުރީގެ ރިޕޯޓުތަކާ އަޅާބަލާއިރު 264 ކޭހުގެ އިތުރުވުމެކެވެ.
މި އަހަރު ރިޕޯޓުކުރެވުނު ކޭސްތަކުގެ ތެރެއިން 511 މީހަކަށް ހަސްފަތާލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާއިރު، މިއީ ބަލިޖެހުނު ޖުމްލަ މީހުންގެ 11 އިންސައްތައެވެ. މި ބަލިމަޑުކަމުގައި އެންމެ ބޮޑު އަސަރެއް ފޯރާފައިވަނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. އެގޮތުން އުމުރުން 5 އަހަރާއި 19 އަހަރާ ދެމެދުގެ 2،010 މީހަކަށާއި، 20 އަހަރުން މަތީގެ 1،996 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އަދި އުމުރުން 5 އަހަރުން ދަށުގެ 812 ކުޑަކުއްޖަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
ސީޑީސީން ހާމަކުރި ގޮތުގައި، ބަލިޖެހުނު މީހުންގެ 96 އިންސައްތައަކީ ވެކްސިން ފުރިހަމަނުކުރާ ނުވަތަ ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ މީހުންނެވެ. މިއީ 2025 ވަނަ އަހަރު ރިކޯޑުކުރެވުނު 93 އިންސައްތައާ އަޅާބަލާއިރު އިތުރުވުމެކެވެ.
މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ އެއް ސަރަޙައްދަކީ ޕެންސިލްވޭނިއާ ސްޓޭޓެވެ. އެ ސްޓޭޓުން އެކަނިވެސް 1،426 ކޭސް ފެނިފައިވާއިރު، 268 މީހަކަށް ވަނީ ހަސްފަތާލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.
ޕެންސިލްވޭނިއާގެ ސިއްޙީ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، އެ ސްޓޭޓުން މި ބަލީގައި 5 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް، ސީޑީސީން މުޅި އެމެރިކާއިން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީފައިވަނީ ހިމަބިހި ޖެހިގެން 3 މީހުން މަރުވެފައިވާ ކަމަށެވެ.




