ފުލުހުން ބަހައްޓާފައި ހުރި ކޯނެއް އެއްލައިލުމަށްފަހު، މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު 33،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ / ހަސަން އަލީމް ޒުހުރީ ގެ މައްޗަށެވެ.
މި މަހުގެ ފުރަތަމަ ދުވަހު އޭނާގެ މައްޗަށް މި ހުކުމް އިއްވީ ޑިސެމްބަރު 22، 2021 ގައި އޭނާ އިތުރު ބަޔަކާ އެކު ސައިކަލުގައި ދަމުން އޭނާގެ ސައިކަލުގެ ފަހަތުގައި އިން މީހާ ޓްރެފިކް ކޯން އެއްލާލުމުން ވެސް ސައިކަލް މަޑުނުކޮށް ދިއުމުންނެވެ.
އެ މައްސަލާގައި ދައުލަތުން ހަސަން އަލީމް ޒުހުރީގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ.
ހަސަން އަލީމް ޒުހުރީ ދައުވާއަށް ޖަވާބުދާރީވަމުން ބުނީ ސައިކަލު ދުއްވަން އިނީ އޭނާ ކަމަށާއި ނަމަވެސް ފުލުހުން އޭނާ ކައިރީ މަޑުކުރަން ބުނިކަން ނޭނގޭ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
އެކަމަކު ފުލުހުން އެ މައްސަލާގައި ވަނީ ކަން ހިނގި ގޮތް ފެންނަ ވީޑިއޯ ފުޓޭޖެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފައެވެ. އޭނާ ދުއްވަން އިން ސައިކަލް ހުއްޓުވާ ތަނާއި މަޑުކުރަން ބުނުމުން ވެސް ކިޔަމަންނުވެ ދާތަން ފެންނަ ކަމަށް ހުކުމުގައިވެއެވެ.




