މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދަރަނީގެ ޝިކާރައަށް ވަށްޓާލާފައި އޮތް ދައުލަތް ސަލާމަތުގެ އައްސޭރިއަށް ވާސިލްކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް މަގާމުން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ކަންކަމުން އަންގައިދޭ އެންމެ ބޮޑު އެއްކަމަކީ މި ސަރުކާރުގެ މުސްތަގުބަލާމެދު ހެޔޮ އުންމީދެއް ކުރާނެ ފުރުސަތު ކުޑަކަން ކަމަށެވެ. އަދި ފަސް ބައި ސާފު ގާބިލު މީހަކަށް މި ސަރުކާރުގެ އިސް މަގާމެއްގައި ހިފާއްޓާލުން ވަރަށް ދަތިވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އެތައް ބިލިއަން ރުފިޔާއަށް ދަރާފައި އޮތް ދައުލަތުގެ ދަރަނި މިހާރު ދައްކަމުންދާ ކަމަށާއި، އެއާޕޯޓުގެ މަސައްކަތްތައްވެސް ކުރިއަށްދަނީ ނިމުމަކާ ހަމައަށް ކަމަށެވެ.
އަދި މީހުން މުސްކުޅި ކުރުމަކީ ސިޔާސީ ކަމެއް ނޫންކަންވެސް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.


