އަމާޒަކީ މި ފަސް އަހަރުތެރޭ 500 ހާފިޒުން ބިނާކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި މިއީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. އަދި މި މަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހާފިޒުންގެ އެލަވަންސް ވެސް އިތުރުކުރައްވާފައެވެ.
މި ސަރުކާރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގުމަށް ނިންމުމާ ގުޅިގެން، މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތައް ކުރިއަށްދެއެވެ.
އަދި ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމަށްޓަކައި 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނެސްފައެވެ.
މީގެ އިތުރުން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވާއިރު، ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކޮށް، ވިލިމާލޭގައިވެސް އައު ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ފަށާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމެއް ވެސް މިހާރު ވަނީ ފަށާފައެވެ.



