ސައުދީ އަރަބިއްޔާ އަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގައުމެއް ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީންކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސައުދީން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ޔަހްޔާ ހަސަން އަލްގަތާނީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ގައުމުން ރާއްޖޭގެ ސަފީރު ކަމަށް ޔަހްޔާ އައްޔަނުކޮށް، ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވީ އިއްޔެއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ނިމިދިޔަ ހައްޖު މޫސުމުގައި ”މައްކާ ރޫޓް“ އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސައުދީ ސަރުކާރުން ނިންމެވި ނިންމެވުމަށް ޝުކުރުވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންގެ ތެރޭގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރު އެޓް ލާޖް ޢަބްދުﷲ ހަމީދު ބައިވެރިވެވަޑައިގަތެވެ.
މި އަހަރު ރައީސް މުއިއްޒު ވަނީ ސައުދީގެ ރަސްގެފާނުގެ ދައުވަތުފުޅަކަށް މައްކާއަށް ވަޑައިގެން ހައްޖުގެ އަޅުކަން އަދާކުރައްވާފައެވެ.
އެ ދަތުރުފުޅުގައި ސައުދީގެ ވަލީއަހުދާއި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއެވެ.




