އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެމްއޭސީއެލް އިން އެއްވެސް މުޢާމަލާތެއް ނުކުރަން ކަމަށް އެކުންފުނިން ބުނެފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ހަފްލާ އިންތިޒާމު ކުރުމަށް އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރަމުންދާ ވާހަކަތަށް ދޮގުކޮށް އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނީ، އެމްއޭސީއެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް އެކުންފުނިން ކޮށްފައިނުވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެ ކުންފުނިން އެއްވެސް މުޢާމަލާތެއް ކޮށްފައެއްނުވާނެއެވެ.
ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް އެ ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް އެންމެހައި ފަރާތްތަކަށް އަރުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖެޓީވީން ފަތުރަމުންދާ ވީޑިއޯއަކީ ހަޤީޤަތާ ޚިލާފު އެއްޗެއްކަމަށް ބުނެ، އެމްއޭސީއެލްއިން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މީގެއިތުރުން، ކުންފުނީގެ އަގު ވައްޓާލުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެ ވީޑިއޯ ފާހަގަކޮށްފައިވެއެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނިވެރި ފަރާތްކަމުގައިވާ އެމްއޭސީއެލްއާމެދު މިފަދަ ސާބިތުނުހިފޭ ވާހަކަތައް ފެތުރުމަކީ ސްޓޭކްހޯލްޑަރުންގެ އިތުބާރު ގެއްލޭފަދަ ކަމެއްކަމަށް އެ ކުންފުނިން ބުންޏެވެ.
އަދު ނޫސްވެރިކަމުގެ ހަމަތަކުގެ ތެރެއިން ތެދު މަޢުލޫމާތު ގެނެސްދިނުމަށް ރާއްޖެޓީވީއަށް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.




