ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން މި މަހުގެ ފަހުކޮޅު އުމުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މޯލްޑިވިއަންއިން ބުނިގޮތުގައި، މި މަހުގެ 22 އަދި 27 ވަނަ ދުވަހު ޖުމުލަ ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދެ ދަތުރާއި އަލް މުސާފިރު ގުރޫޕުން އެއް ދަތުރު ހިމެނެއެވެ.
”ހުރިހާ ފަރާތްތަކަށް ވެސް އެބައޮތް ހަމަ އުމުރާއަށް މީހުން ގެންގޮސްދިނުމަށް ރިކުއެސްޓްކުރުމުގެ ފުރުސަތު. މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދަނީ،“ މޯލްޑިވިއަންއިން ބުންޏެވެ.
މޯލްޑިވިއަން އިތުރަށް ވިދާޅުވި ގޮތުގައި، އުމުރާ ދަތުރުތައް ކުރިއަށް ގެންދާނީ އެއާލައިންގެ އާންމު އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތަށެވެ. އަދި މި މަހުގެ ފަހުކޮޅު ކުރާ ތިން ދަތުރަށްފަހު އިތުރު ދަތުރުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
މޯލްޑިވިއަންއިން އުމުރާ ދަތުރުތައް ކުރިއަށް ގެންދަނީ މިއަހަރު އެ ކުންފުންޏަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓުގައެވެ.
އަދި މިއަހަރުގެ ތެރޭގައި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.




