ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު ކުރިން ވެފައިވާ އެއްބަސްވުން އުވާލައި، އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް އަންގާފައިވާ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މި މައްސަލައިގައި މެންބަރު ކުޑޫ ފާހަގަކުރައްވާފައިވަނީ، ސަރުކާރުން އަމިއްލަ ފަރުދުންނާއެކު ހިންގައި ނިމިފައިވާ މުއާމަލާތެއްގެ އެއްބަސްވުން، ސަރުކާރުން އަމިއްލައަށް އުވާލައި، އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖުބޫރުކުރުވުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
އަދި މިއީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ލިބޭނެ ކަމެއް ކަމަށްވެސް އެ މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.
ހައުސިން މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރި ސަރަހައްދު ބަދަލުވެފައިވާތީ، ކުރިން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީތައް ބާތިލުކޮށް، އައު ރަޖިސްޓްރީ ދޫކުރުމަށް ވަނީ ނިންމާފައެވެ.
މިގޮތުން، އައު ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އާއި ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ ދޫކުރަން ފަށާފައިވަނީ ޖުލައި 7 ވަނަ ދުވަހުން ފެށިގެންނެވެ.




