ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މ. އަތޮޅާއި ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޙަރަކާތްތަކުގައި ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސްވެސް މި އަތޮޅުތަކުގެ ރަށްތަކަށް މިނިސްޓްރީ އޮފް އެންވަޔަރމަންޓުން ވަނީ ހަދިޔާކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމެއް ވަނީ މ. އަދި ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ގަސް އިންދުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން، މި ދެ އަތޮޅުގެ ކޮންމެ ރަށަކަށް އާންމުކޮށް ރަށްރަށުގައި ހެދޭ 50 ގަހާއި، ހާއްސަކޮށް ދިވެހިރާއްޖެއިން މަދުވެފައިވާ ހައިވަކަރު ގަސް ހަދިޔާކުރެވިގެން ދިޔަ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހަދިޔާކުރެވުނު ހައިވަކަރު ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަމުގައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ،ހަދިޔާ ކުރައްވާފައިވާ ގަސްތަކެކެވެ.
މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ލިބުމާއިއެކު، ރިސޯޓުތަކަށް އަދިމީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 2 ހައިވަކަރު ގަސްހަދިޔާ ކުރުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިހާތަނަށް މ، ލ، އަދި ރ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެއަރޕޯޓް ހުރި ރަށްތަކަށްވެސް ހައިވަކަރު ގަސްތައް ވަނީ ހަދިޔާކުރެވިފައެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ހައިވަކަރު ގަސް ހަދިޔާކުރުމުގެ މަސައްކަތްތައް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.
ހައިވަކަރުގަސްތަކަކީ، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރަމްޒުކޮށްދިނުމުގެ ގޮތުން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ.



