”ޔުއަރ މައިންޑް މެޓާސް“ ގެ ނަމުގައި ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފުލުހުންގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ސެޝަންތައް ކުރިއަށް ގެންގޮސްފައިި ވަނީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން މި މަހުގެ 6 އިން 7 އަށް ކަމަށެވެ.
މި ސެޝަންތަކުގައި ސިވިލް ސާވިސް ކޮމިޝަންގެ 84 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
”މި ސެޝަން ތަކުގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބާކަމާއި، ނަފުސާނީ ގޮތުން ދުޅަހެޔޮ މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކާއި، ނަފުސާނީ އާންމު ބަލިތަކާއި، އެ ބަލިތައް ދެނެގަންނާނެ ގޮތްތަކާއި، އެކަމަށް ފަރުވާ ހޯދިދާނެ ގޮތްތަކުގެ އިތުރުން ދިމާވާ އެކި ކަންކަމާ ކުރިމަތިލައި އެ ކަންކަން ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދީފައި“ ފުލުހުން ބުނެފައި ވެއެވެ.
އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ކަންތައްތައް ހައްލުކޮށް ބެލެންސް ކުރާނެ ގޮތްތަކާއި، އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކާއި އަދި އެކަމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް އެ ސެޝަންތަކުގައި މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ބުނީ މި ސެޝަންތައް ނިމުމުން ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވާ ކަމަށާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓް ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނަޢީމު ކަމަށެވެ.



