އާޖެންޓީނާގެ ޤައުމީ ޓީމު ދިފާއުކުރުމުގައި ލިއޮނަލް މެސީ ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައިވާ ބުރަ މަސައްކަތާއެކު ތާރީޚުގެ ތެރެއިން އޭނާ ހޯދި ޖާގަ އަދި ހޯދި ޝަރަފު މުޅި އުމުރަށް ދެމިގެންދާނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި މެސީގެ ދުވަސްވީ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ މިހެން ބުނީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލުމާ ގުޅިގެން މެސީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ.
ރޮނާލްޑޯގެ ކޮމެންޓުގައި އޭނާ ވަނީ، އާޖެންޓީނާގެ ޤައުމީ ޓީމާއެކު މެސީ ހޯދާފައިވާ ގިނަގުނަ ކާމިޔާބީތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށް ހާމަކޮށްފައެވެ.
އުމުރުން 39 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާކަން އިއުލާންކޮށްފައިވަނީ މިއަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން ބަލިވިތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ޤައުމީ ޓީމަށް ކުޅުނު ފަހު މެޗަކީ އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި 85,000 ސަޕޯޓަރުންގެ ކުރިމަތީގައި ބެނިންއާ ދެކޮޅަށް ކުޅެ 3-0 އިން ކާމިޔާބުކުރި ރަޙްމަތްތެރިކަމުގެ މެޗެވެ. އެ މެޗުގައި އާޖެންޓީނާގެ ފަހު ލަނޑު މެސީ ކާމިޔާބުކުރިއިރު، އަނެއް ދެ ލަނޑު ޖެހުމުގައި އޭނާ ވަނީ އެހީތެރިވެދީފައެވެ.
މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއިން ވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން، 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އަދި 2022 ވަނަ އަހަރުގެ ފިނާލިސީމާ ވެސް ކާމިޔާބުކޮށްފައެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅައަށް އަލްވަދާއު ކީ ނަމަވެސް، މޭޖަރ ލީގު ސޮކަރގެ އިންޓަރ މައާމީއަށް މިހާރު ކުޅެމުން އަންނަ މެސީ ކްލަބް ލެވެލްގައި ކުޅުން ކުރިއަށް ގެންދާނެއެވެ.
މެސީ އާއި ރޮނާލްޑޯގެ ކެރިއަރު ބިނާވެގެން ގޮސްފައިވަނީ އެއް މިސްރާބަކަށެވެ. ކްލަބް ފުޓްބޯޅައާއި ބައިނަލްއަޤްވާމީ މައިދާނުގައި މި ދެ ކުޅުންތެރިންގެ މެދުގައި އޮތް ބޮޑު ވާދަވެރިކަން ގިނަ އަހަރުތަކަކަށް ދެމިގެންގޮސްފައިވާއިރު، ސަޕޯޓަރުންގެ މެދުގައިވެސް އެ ފޯރި އަދިވެސް ވަރަށް ގަދައެވެ. ވޭތުވެދިޔަ 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މި ދެ ކުޅުންތެރިން ވަނީ ޖުމްލަ 13 ފަހަރު ހޯދާފައެވެ.
މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑަށް ރޮނާލްޑޯ ކުޅުނު 9 ސީޒަނުގައި، ބާސެލޯނާގައި ހުރި މެސީއާ ދެމެދުގައެވެ. ދެ ކުޅުންތެރިން އެންމެ ފަހުން އެއް ދަނޑަކުން ފެނިފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ސައުދީ އަރަބިއްޔާގައި ކުޅުނު އެގްޒިބިޝަން މެޗެއްގައެވެ.
މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަދިވެސް ހުރީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާ ގޮތަކަށް ނޫނެވެ.


