ސަރުކާރުގެ މާލީ ހިންގުމުގެ ކާމިޔާބީއާއެކު އިންވެސްޓަރުންގެ އިތުބާރު ދިވެހިރާއްޖެއަށް ބޮޑުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ފާއިތުވި މަސްތަކުގައި ދިވެހިރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަަމަށެވެ.
އެގޮތުން ރާއްޖޭގެ އިޤްތިސާދަށް ބައިނަލްއަޤްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ ސުކޫކް 07 ޖުލައި 2025 ގައި 87.44 އެމެރިކާ ޑޮލަރަށް ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ދިވެހިރާއްޖޭގެ އިޤްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއް ކަމަށާއި މީގެ ސަބަބުތަކުގެ ތެރޭގައި ދިވެހި ސަރުކާރުން މިފަހުން އަޅާފައިވާ އުންމީދީ މުހިންމު ފިޔަވަޅުތަކެއް ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު އިތުބާރުގެ ސާފު ވޯޓެއް“ ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މާރިޗް 2025 ގައި ސަރުކާރުން ވަނީ އަމިއްލަ ކްރެޑިޓަރަކަށް ބޮޑު ރިޕޭމަންޓެއް ދައްކާފައިވާ ކަމަށާއި އޭގެ ފަހުން އޭޕްރީލް 2025 ގައި ސުކޫކް ކޫޕަން ޕޭމަންޓްވެސް ދައްކާފައިވާ ކަމަށެވެ.
މީގެ އިތުރުން، ހަރުދަނާ އަދި އެއްބާރުލުންދޭ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.




