ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްލާސްޓިކް އަޕްސައިކްލިން ސެންޓަރެއް ހުޅުވައިފިއެވެ.
މިތަން ހުޅުއްވައިދެއްވީ ސަން ސިޔާމް ރިސޯޓްސްގެ ވައިސް ޕްރެޒިޑެންޓް ޢަބްދުالله ތަމްހީދާއި ކްލީން މޯލްޑިވްސްގެ ރައީސް އަދި ފައުންޑަރ ޙަފްސަތު ޢަލީމެވެ.
މިއީ ސިޔާމް ވޯލްޑާއި ކްލީން މޯލްޑިވްސް ގުޅިގެން ވޯލްޑް ބޭންކްގެ ފަންޑާއެކު ހިންގާފައިވާ މަޝްރޫޢުއެކެވެ.
ކްލީން މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫޢު ހިންގާފައި ވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޕްރޮޖެކްޓް ސާވިސަސް (ޔޫ.އެން.އޯ.ޕީ.އެސް)ގެ އެހީތެރިކަމާއެކު ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އިން ވޯލްޑް ބޭންކުގެ އެހީގައި ޕްލާސްޓިކް ފްރީ ރިވާސް އެންޑް ސީސް ފޯ ސައުތު އޭޝިއާ (ޕްލީޒް) ޕްރޮޖެކްޓްގެ ދަށުން ހިލޭ އެހީގެ ދަށުން ކްލީން މޯލްޑިވްސްއާ ހަވާލުކޮށްގެންކަމަށެވެ.
އަދި ނޮލެޖް ޕާޓްނަރެއްގެ ގޮތުގައި މި މަޝްރޫޢުގައި މަސައްކަތްކުރީ ކްލައިމެޓް ކަލެކްޓިވް ކަމަށް ކްލީން މޯލްޑިވްސް އިން ހާމަކުރެއެވެ.
”މި މަޝްރޫޢުގެ ދަށުން ޕްލާސްޓިކް ކުނި، ޝެމްޕޫ ފުޅި، ތެޔޮ ކޮންޓެއިނަރު، ޑިޓަޖެންޓް ޑްރަމް ފަދަ ތަކެތި ގޮނޑި، މޭޒު، ސަންބެޑް އަދި ގަސްމުށި ފަދަ ދެމިހުންނަ ފަރުނީޗަރަށް ބަދަލުކުރެވޭނެ“ ކްލީން މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ކްލީން މޯލްޑިވްސް އިން ބުނީ މި ސެންޓަރަކީ ރާއްޖޭގެ ސަރކިއުލާ އިކޮނޮމީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި ރިސޯޓުގެ އިތުރުން ކައިރީގައިވާ ކުޑަފަރީގެ ކުނިވެސް އެ ސެންޓަރުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ކްލީން މޯލްޑިވްސް އިން ބުނެފައިވެއެވެ.
އަޕްސައިކަލްކުރެވޭ އުފެއްދުންތަކުގެ %40 ކްލީން މޯލްޑިވްސްއަށް އަދި %60 ސިޔާމް ވޯލްޑަށް ހަމަޖައްސާފައި ވާއިރު މި ތަކެތީގެ ބޮޑު ބައެއް ކައިރީގައިވާ ރަށްރަށުގެ ޕާކުތަކާއި މުޖުތަމައުގެ މަރުކަޒުތަކުގައި ބޭނުން ކުރުމަށް ހަދިޔާ ކުރާނެއެވެ.



