މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިނގުމާއި އިންފްލުއެންޒާ އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭ އިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ހަފްތާތަކާ އަޅާބަލާއިރު ނިމުނު ހަފްތާގައި ބޭރަށް ހިނގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.
”މި ދުވަސްވަރު ބޭރަށް ހިނގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ، މާލެ ސަރަހައްދުން“ އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު 15 ޖޫން އިން 5 ޖުލައިގެ ނިޔަލަށް މާލެ ސަރަހައްދުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ 2370 ވޭދަނައެއް ރިޕޯޓުކޮށްފައި ވާއިރު، މުޅި ރާއްޖޭން 3763 ވޭދަނަ ވަނީ ރިޕޯޓް ކޮށްފައެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު އިންޕްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.
އެގޮތުން 15 ޖޫން އިން 5 ޖުލައިގެ ނިޔަލަށް މުޅި ރާއްޖެ އާއި މާލެ ސަރަހައްދުން އިންފްލުއެންޒާގެ 239 ވޭދަނައެއް ރިޕޯޓް ކޮށްފައިވާއިރު 228 އަކީ މާލޭ ސަރަހަައްދުން ރިޕޯޓްކޮށްފައިވާ ވޭދަނަތައް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.



