ބަންގްލަދޭޝްގައި މިދިޔަ އަހަރު ހިނގި ދަރިވަރުންގެ މުޒާހަރާތައް ހުއްޓުވުމަށް، ދަރިވަރުންގެ ގަޔަށް ބަޑިޖަހަން އޭރުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެންގެވިކަން ހާމަކޮށްދޭ އޯޑިއޯ ރެކޯޑިންގތަކެއް ލީކްވެފައިވާކަމަށް ބީބީސީން ރިޕޯޓްކޮށްފިއެވެ.
މި އޯޑިއޯތަކުގެ ސައްހަކަން ބީބީސީން ވަނީ ކަށަވަރުކޮށްފައެވެ.
ލީކްވި އޯޑިއޯގައި އިވެނީ، ހަސީނާ ކޮންމެވެސް މީހަކާ ފޯނުން ވާހަކަދައްކަވަމުން، ލައިވް ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހަން ސިފައިންނަށް ހުއްދަ ދެއްވާ އަޑެވެ. ބީބީސީން ބުނާ ގޮތުގައި މި ފޯނު ކޯލު ކުރެއްވީ 2024 ވަނަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެކަމަނާގެ ރަސްމީ ގެކޮޅުގައި ހުންނަވައިގެންނެވެ.
މި އޯޑިއޯގެ ސައްހަކަން ކަށަވަރުކުރުމަށް ބީބީސީން ވަނީ ’އިޔާޝޮޓް‘ ނަމަކަށް ކިޔާ ކުންފުންޏެއްގެ އެހީތެރިކަން ހޯދާފައެވެ. އެ ކުންފުނިން ދިރާސާކުރުމަށްފަހު ބުނެފައިވަނީ، އޯޑިއޯގައި އިވޭ އަޑަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އަޑެއް ނޫންކަމަށެވެ.
މީގެއިތުރުން، ބަންގްލަދޭޝްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވެސް ވަނީ އެ އަޑަކީ ހަސީނާގެ އަޑުކަން ކަށަވަރުކޮށްދީފައެވެ.
މި މުޒާހަރާތައް ފެށުނީ ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ ކޯޓާ ނިޒާމާ ދެކޮޅަށެވެ. ނަމަވެސް މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމާ ގުޅިގެން، ގިނަ އަދަދެއްގެ ދަރިވަރުން މަރުވުމުން، މުޒާހަރާތައް ބަދަލުވެގެން ދިޔައީ ގައުމީ ހަމަނުޖެހުމަކަށެވެ. މި ހަމަނުޖެހުންތަކުގައި 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި ހާދިސާތަކާ ގުޅިގެން އޮގަސްޓު 5 ވަނަ ދުވަހު ހަސީނާ ވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ.
އޭގެފަހުން ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންނެވި ހަސީނާއާ ދެކޮޅަށް، މިހާރު ބަންގްލަދޭޝްގެ ކޯޓުތަކުގައި ގިނަ މައްސަލަތަކެއް ބަލަމުންދާކަން ފާހަގަކުރެވެއެވެ.




