ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ މިއަދު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ މަޝްވަރާ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުންވެސް ވަނީ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
”މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައި“ ފިޝަރީޒް މިނިސްޓްރީ އިން ބުނެފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިވެދެއްވާނެ ކަމަށް ސައުދީ ސަފީރު ވިދާޅުވިއެވެ.
މީގެއިތުރަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ސައުދީ އަރަބިއްޔާއިން އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޚާއްސަކޮށް މ.މުލަކުގައި ހުންނަ ކޯލްޑްސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.




