ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށެވެ.
އެގޮތުން މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނާ ކަމަށާއި އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނާކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެ ކަމަށާއި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިންގ ލިންކު ފޮނުވަމުންދާނެ ކަމަށެވެ.
ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަން އިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:
- ޓެލެގްރާމް ސެޓިންގ
- ޕްރައިވަސީ އެންޑް ސެކިއުރިޓީ
- ޓޫ-ސްޓެޕް ވެރިފިކޭޝަން
- ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
- ރިކަވަރީ އީމެއިލް އެޑްކުރުން
”ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު“ ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަން ނުދިނުމަށް އެދިފައެވެ.
އެއީ ޓެލްގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކުތަކެއް ކަމަށާއި އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އެދިފައެވެ.



