ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓު އިއްޔެ ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ މެންދުރު 12 އިން ރޭގެ 11 އާ ހަމައަށް ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެގޮތުން ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުނު ކަމުގެ ރިޕޯޓާއި، ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރި މީހަކު ގެއްލުނު ކަމުގެ ރިޕޯޓެއް ވެސް އިއްޔެ ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އަދި ތ. ވިލުފުށި ”ވިލުރޯދި“ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވާއިރު މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ހަމައެހެންމެ އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުް ހާމަކުރެއެވެ.
22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ. ދަރަވަންދޫ ކައިރިން ދަތުރުކުރި ސަފާރީއެއް ދިޔަވުމުގެ ހާދިސާ އާއި 8 ދިވެހިންނާއި ހަތަރު ބިދޭސީންނާ އެކު މާލެ އިން ލ. ހިތަދު އަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް ކަމަށްވާ ”އޯޝަން އެކްސްޕްރެސް“ އަޑިޔަ ދިޔަ ކަމުގެ ރިޕޯޓާއި ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ލޯންޗެއް ފަަރަށް އެރި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ އަދި މިހާތަނަށް ފެނިފައިނުވާ ކަމަށާއި، ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ފަތާފައި ރ.ދުވާފަރަށް އަރާފައިވާ ކަމަށެވެ.
އަދި އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު ކަފު ޖަހައިގެން މާލެ އައުމަށް ދަތުރުކުރަމުން އަންނައިރު، ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ އިއްޔެ ދަރަވަންދޫއަށް ސަލާމަތްތެރިކަމާއެކު ވައްދާފައިވާ ކަމަށެވެ.
ހަމައެހެންމެ ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި މީހުން ސަލާމަތުން ކ.ހިންމަފުއްޓަށް ގެންގޮސްފައިވާ ކަމަށާއި މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ރިހިވެލި މޯލްޑިވްސް ރިސޯޓުކައިރިން އަޑިއަށްދިޔަ ”އޯޝަން އެކްސްޕްރެސް“ ބޯޓުގައި ތިބި އެންމެން އިއްޔެ މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.



