އިންޑިއާގެ އަރަމުންދިޔަ އަންހެން ޓެނިސް ކުޅުންތެރިއެއް ކަމަށްވާ އުމުރުން 25 އަހަރުގެ ރާދިކާ ޔާދާވްގެ ގަޔަށް ބަޑި ޖަހާ މަރާލައިފިއެވެ.
މި ހާދިސާގައި ރާދިކާ މަރާލާފައިވަނީ އޭނާގެ އަމިއްލަ ބައްޕައެވެ.
ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ މި ޒުވާން އެތުލީޓްގެ ގަޔަށް އޭނާގެ ބައްޕަ ވަނީ ފަސް ފަހަރު ބަޑިޖަހާފައެވެ. އޭގެ ތެރެއިން ދެ ހަމަލާ އަމާޒު ނުވި ނަމަވެސް، އޭނާގެ ގަޔަށް ތިން ވަޒަން އަރާފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި މައްސަލައިގައި ރާދިކާގެ ބައްޕަ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި އޭނާ މި ކުށުގައި ބޭނުންކުރި ލައިސަންސް ލިބިފައިވާ ބަޑިވެސް ވަނީ އަތުލައިގެންފައެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. ޔަގީން ނުކުރެވޭ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރާދިކާގެ ބައްޕަ ހިތްހަމަ ނުޖެހުނީ ރާދިކާ އޭނާގެ މީސް މީޑިއާގައި ހަރަކާތްތެރިވާ ގޮތުގެ ސަބަބުން، ޚާއްސަކޮށް އިންސްޓަގްރާމް ރީލްތައް ޕޯސްޓް ކުރާތީއެވެ. ނަމަވެސް މި މައުލޫމާތު ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ވަގުތު އާއިލާގެ އިތުރު އެއްވެސް މީހަކު އެތަނުގައި ނެތެވެ. ރާދިކާގެ ހާލު ސީރިއަސްވެގެން ކައިރީގައި ހުރި އަމިއްލަ ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، އެތަނަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފައެވެ.
މާޗް 23، 2000 ގައި އުފަންވި ރާދިކާ އަކީ އިންޑިއާގެ ޓެނިސް ކުޅުމުގެ އުއްމީދީ ހުނަރުވެރިއެއްގެ ގޮތުގައި ބެލެވުނު ކުޅުންތެރިއެކެވެ.
ރާދިކާ ވަނީ އައިޓީއެފްގެ އަންހެން ޑަބަލްސް ސާކިއުޓުން ކެރިއަރުގެ އެންމެ މަތީ ރޭންކިން 113 ހޯދައި، ބައިނަލްއަގްވާމީ ގޮތުން 10 ޕޮއިންޓް ހޯދާފައެވެ.



